Rabu, 17 Oktober 2007

ސަގާފީ ކުޅިވަރުތައް ދިރުވުން : ފަތުރުވެރިކަމުން ނަފާ ހޯދޭނެ އިތުރުގޮތެއް

Jazeera އަންވަރު އިބްރާހިމް އޮކްޓޫބަރ 14، 15:25 0 ޚިޔާލު

ކޮންމެ ގައުމެއްގެ ސަގާފަތަކީ އެގައުމަކަށް ވަރަށް މުހިންމު ގައުމުވަންތަ ސިފައެކެވެ. އެހެންކަމުން ސަގާފީކަންކަމާއި ކުޅިވަރުތައް ދިރުވުމާއި އާލާކުރުމަކީ ޒަމާނަށް އައިބަދަލާއެކު ކޮންމެ ގައުމަކުންވެސް ކުރަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް ސަގާފީ ކުޅިވަރުތައް ދިރުވުމަކީ އިޖްތިމާއީ އަދި މާއްދީ ފައިދާތަކެއް ލިބުމުގެ މަގު ހުޅުވިގެންދާ ކަމެއްވެސް މެއެވެ.

ރާއްޖެއަށް ބަލާއިރު ދިވެހިންގެ ދިގު މަޒީގައި އެތައްކަމެއް ސަގާފީކުޅިވަރުތަކުގެ ގޮތުގުގައި ވަނީ ކުޅެފައެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް އެކަންކަން އަޅުގަނޑުމެން އައީ ކުރަމުން ނެވެ. އަދި މިއަދު ފަތުރުވެރިކަން ފުޅާވެ ކުރިއަރާފައިވާއިރު އެފަދަ ސަގާފީ ކުޅިވަރުތަކަށް ދޭންޖެހޭ ސަމާލުކަން މިވަނީ އިތުރުވެފަ އެވެ.

ދިވެހިންގެ ސަގާފީ ކުޅިވަރުތައް އެންމެ ފަސޭހައިން ފެންނާނެ އެއްދުވަސްވަރަކީ އީދުގެ ދުވަސްތަކެވެ. ފިތުރުއީދާއި އަޟްހާ އީދުގެ ދުވަސްތަކުގައި އެކިކަހަލަ ސަގާފީ ކުޅިވަރުތައް އެކިގޮތްގޮތަށް ދަނީ ކުޅެމުންނެވެ. ބައެއް ފަހަރު އެއްކަމެއް އެތައްގޮތަކަށް ކުރަމުން ދާތީވެސް ފެނެއެވެ. އަދި ރަށު ފެންވަރުގެ ސަގާފީ ހަރަކާތްތަކާއި އަތޮޅު ފެންވަރުގައި ކުރެވެމުން އަންނަ ސަގާފީކުޅިވަރުތައް އެބަހުއްޓެވެ.

ސުވާލަކީ މިއަދުވެސް އެކަންކަން ކުރަންވީ ހަމައެކަނި މުނިފޫހި ފިލުވާލުމުގެ ކަމެއްގެ ގޮތުގައި ހެއްޔެވެ؟ އަތޮޅުތަކަށް މާލޭންދާ މީހުން ހިތްހަމަ ޖައްސާލުމަށް ދައްކާލެވޭ ކަމެއްގެ ގޮތުގައި ހެއްޔެވެ؟

ދިވެހިންގެ ތެރޭގައި ހުރި ސަގާފީ ބައެއް ކަންކަމަކީ ހުނަރުން ފުރިގެންވާ ހަރަކާތްތަކެއް ފެންނަންހުރި ކަންކަމެވެ. ރޭވުންތެރިކަމާއި ތާރީޚް ފެނިގެންދާ ކަންކަމާއި އަމިއްލަ އުފެންދުންތެރިކަން ފެންނަ ސަގާފީ ކުޅިވަރުތައްވެސް ބައިވަރެވެ.

މިއަދު އެކުޅިވަރުތައް ކުޅެމުންދާ ރަށްރަށް މަދުވެއްޖެ އެވެ. ސަގާފީ ކުޅިވަރުތައް ބަދަލުވެ ފުޓްބޯޅަ މުބާރާތާއި, ވޮލީމުބާރާތްތައް ދެއީދު ފަތަހަކޮށްފި އެވެ.

” މާލޭގައި އޮތީ ކޮންކަމެއް. އީދުގައި އެއްވެސް ކަމެއް ނުކުރޭ. ބައިބަލާ ކުޅެނީ. ދެން ފުޓްބޯޅައާއި ވޮލީ ކުޅުނީމާއެވީ. ސަގާފީ އެއްވެސް ކުޅިވަރެއް ނުކުޅެވޭ. އެކަމަކު ކުޅެވޭނެ ބައިވަރު ކުޅިވަރުތައް އެބަހުރިތާ. މައްސަލައަކީ އެކަން ދިރުވާނެ ބަޔަކު ނެތުން. އިސްނަގާނެ ބަޔަކު ނުވުން.“ އުމުރުން 22 އަހަރުގެ އަހުމަދު އިބްރާހިމް ބުންޏެވެ.

ތެދެކެވެ. މާލޭގައި ސަގާފީ ކުޅިވަރުތައް ބޭއްވުމާއި ކުޅުންވަނީ ހުއްޓިފައެވެ. އީދުބަންދުގައި ކޮންމެ ބަޔަކުވެސް ބަލަނީ ރާއްޖެތެރޭ ރަށަކަށް ދެވޭތޯ އެވެ. މާލޭގައި ކުޅެވެން ނެތީއެވެ. ނުވަތަ ކުޅޭނެ ތަންނެތީ އެވެ. ނުވަތަ މަޖާނުވަނީއެވެ.

” މަޖާވާނެ ބަޔަކު ރައިވައިގެން އެކަން ކުރާނަމަ. މިސާލަކަށް ބަލަމާހިނގާ ބައިބަލާ. އެއީ ފުރަތަމަ ފެށިއިރު އެއްވެސް ފޯރިއެއް ހުރި ކަމެއް ނޫން. މިހާރު ކިހިނެއްމިވީ. އެކަން ހުރިހާ ރަށަކުވެސް އެބަކުރޭ. އެކަމުން އެބަ އެނގޭ އެކަން ކުރާނެ ބަޔަކު ތިބިނަމަ ކޮންމެ ކަމެއްވެސް ކުރެވިދާނެކަން. ބޭނުންވަނީ ސަގާފީ ކުޅިވަރުތައް އިންތިޒާމްކޮށް ކުރާނެ ބައެއްކަން.“ މާލޭގައި ހަރަކާތްތެރިވާ ގްރޫޕެއްގެ މެމްބަރެއް ބުންޏެވެ. ސަގާފީ ކުޅިވަރުތައް ދިރުވާ އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ޒުވާނުން ނެވެ. އެކަން މިވީހާތަނަށް ކުރަމުން އައީވެސް ޒުވާނުންގެ އިސްނެގުމުގެ ސަބަބުން ނެވެ.

” އަހަރެމެން ރަށުގައި ކޮންމެ އީދަކަށްވެސް ޒުވާނުންތައްޔާރު ވާނެ. ސަގާފީ ކުޅިވަރުތަކާއި ހަރަކާތްތައް އެމީހުން ރާވާނެ. ހަނދާން ހުންނަން ފެށީއްސުރެ މިއަދާ އަމައަށްވެސް އީދު މިރަށުގައި ފާހަގަކުރަނީ ވަރަށް މަޖާކޮށް. ސަގާފީ ކުޅިވަރުތައް ބާއްވަމުން. އެހެން ކަމުން ކަންނޭނގެ ގިނަބަޔަކު މިރަށަށް އީދު ޗުއްޓީ ހޭދަކޮށްލުމަށް އަންނަނީ.“ ހދ.ކުޅުދުއްފުށިން ވާހަކަދެއްކި 54 އަހަރުގެ މީހަކު އެރަށުގައި ކަންތައް ހިނގާގޮތް ބުނެދިނެވެ.

ސަގާފީ ކުޅިވަރުތައް އަޅުގަނޑުމެންގެ ތެރެއިން މުޅިން ނެތުމުގެ ކުރިން ސަގާފީ ކުޅިވަރުތައް އާލާކުރުމުގެ ގައުމީ ކެމްޕޭނެއް ކުރުން އެއީ ނެތްކަމެއް ނޫނެވެ. އީދުކުޅިވަރުތައް ކުޅުމުގައި ސަގާފީ އީދެއް ފާހަގަ ނުކުރެވެންވީ އެއްވެސް ސަބަބެއް ބެތެވެ. ސަގާފީ އަހަރެއް ފާހަގަ ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. ހައްތާވެސް ކުރެވޭނެ ކަންކަމެވެ. އަޅުގަނޑުމެން ދިވެހިންނަށް ފައިދާ ވާނެ ކަންކަމެވެ.

” ފަތުރުވެރިންނަށް އަމާޒުކޮށްގެން ސަގާފީކުޅިވަރުތައް ކުޅެވޭލެއް ވަރަށް މަދު. ވަރަށް ގިނަ ފަތުރުވެރިން ބޭނުންވޭ ދިވެހިންގެ ސަގާފީ ކުޅިވަރުތައް ބަލާލަން. އެމީހުން އަންނަނީ ހަމައެކަނި ރާއްޖޭގެ ރީތިކަން ދެކެލާކަށް ނޫން. އޭގެ އިތުރުން ސަގާފަތަކީވެސް ވަރަށް މުހިންމު އެއްޗެއް.“ ޓުއަރ ގައިޑަކު ބުންޏެވެ.

” މިދިޔަ އަހަރުގެ އީދު ބަންދުގައި އަހަރެންނާއެކު ދެގެސްޓުން ކުޅުދުއްފުއްޓަށް ގެންދިޔައިން. އެމީހުން އެރަށުން ފެނުނު މަންޒަރުތައް ފެނުމުން ވަރަށް ގަޔާވި. އެރަށުގައި އޮތް ޕެރޭޑް އެމީހުން ފާހަގަކުރި. އަދި މިއަހަރުވެސް އެމީހުން އެބަތިބި އައިސް. މިކަމުން އެނގެނީ ސަގާފީ ކުޅިވަރުތައް ގެސްޓުންނަށް ދައްކައިފިނަމަ އެމީހުން އެކުޅިވަރުތަކަށް ޝައުގުވެރިވާނެކަން.“ ފަތުރުވެރިކަމުގެ ދާއިރާގައި 8 އަހަރު ހޭދަކޮށްފައިވާ އަހުމަދު ހުސައިން ބުންޏެވެ.

ފަތުރު ވެރިކަން ކުރިއަރަމުން އަންނަ އިރު ސަގާފީކުޅިވަރުތައް ދިރުވުމަށް ގައުމީފެންވަރުގައި މަސައްކަތްތަކެއް ފެށުމަކީ ނެތްކަމެއް ނޫނެވެ. ފަތުރުވެރިންނަށް އިޝްތިހާރު ކޮށްގެން ރާއްޖޭގެ ސަގާފީ ކުޅިވަރުގެ އީދެއް ބޭއްވުމަކީ އެކަމުން ދިވެހިން އިތުރަށް އިޝްތިހާރުވެ ދިވެހިންގެ އެކުވެރިކަމާއި ގުޅުންތެރިކަން އިތުރަށް ހާމަވެގެންދާނެ ކަމެކެވެ. އަދި އިގްތިސާދީ ފައިދާ ސަގާފީ ކުޅިވަރުތަކުންވެސް ނެގިދާނެ ކަންކަމެވެ.

” ސަގާފީ ކުޅިވަރުތަކުގެ ރަސްމީ ސިފައެއްގައި އީދެއް ފާހަގަކޮށްފިނަމަ އެކަން ވައިގައި ހިފާނެ. އެއީ ޔަގީންކަމެއް. މިހާރުވެސް ގިނަ ރަށް ރަށުގައި އެކަން އިސްވެ ކުރާނެބަޔަކު ނެތީ. ރަސްމީ ސިފައެއްގައި އެކަމަށް ގޮވާލާ ސަގާފީ އީދެއް ފާހަގަކޮށްފިނަމަ ސަގާފީ ގިނަ ކުޅިވަރުތަކެއް ފެންނާނެ. ކޮންމެ ރަށެއްގައިވެސް އެކަން ކުރާނެ. ސްކޫލުތަކުން އެކަންކަމަށް ތައްޔާރުވާނެ. އަދި އަމަލީގޮތުން އެކަންކުރުމަށް ގިނަ ބަޔަކު ނުކުންނާނެ. މިހާރު މަސްވެރިންގެ ދުވަހަށާއި, ގައުމީދުވަސް ރަސްމީސިފައެއްގައި ބާއްވާހެން އީދުވެސް ފާހަގަކުރާނަމަ އެކަމުގެ ފައިދާ އަތޮޅަށާއި ރަށަށް މާބޮޑަށް ކުރާނެ“ ހދ. އަތޮޅު އަތޮޅުވެރިޔާ މުހަންމަދު ދީދީ )ޑީޑީ( ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ ސަގާފީ ކުޅިވަރުތައް ނެތެމުންދަނީ އެކަންކުރާބަޔަކަށް މާބޮޑު ސަމާލުކަމެއް ގައުމީޓީވީންނާއި ރޭޑިއޯ އިން ނުދެވޭތީ ކަމަށާއި އަދި އެފަދަ ކުޅިވރުތައް ކުޅެންޖެހެނީ ހިލޭސާބަހަށް ކަމަށްވާތީ ކަމަށެވެ.

” ބޭންޑެއްގައި ރާގެއް ކުޅެލާއިރަށް ރުފިޔާލިބޭ. ރުފިޔާ ދޭންޖެހޭ. ރަށަށް ގްރޫޕެއް ގެނަޔަސް އެބަޔަކަށް ޚަރަދުކުރަންޖެހޭ. އެކަމަކު ސަގާފީ ކުޅިވަރުތައް ކުޅެގެން ފައިސާ ހޯދޭނެ ގޮތެއްނެތް. އެހެންވީމާ އެކަމުގައި އަމަލީގޮތުން ބައިވެރިވަނީ މަދު ޒުވާނުންތަކެއް. ގިނައިން އުޅެނީ ދުވަސްވީމީހުން.“ ޑީޑީ ވިދާޅުވި އެވެ.

ނެތެމުންދާ ސަގާފީ ކުޅިވަރުތައް ދިރުވުމަކީ ކުރަންވެއްޖެ ކަމެކެވެ. އަދި އަންނަން އޮތް ޖީލަށް މިކުޅިވަރުތައް ފޯރުކޮށްދިނުމަކީވެސް މުހިންމު ކަމެކެވެ. މިކަން ކުރެވޭނީ މިހާރަށްވުރެ ބޮޑަށް ސަގާފީ ކުޅިވަރުތައް ކުޅުމަށް ހިތްވަރުލާދީ އެކަމަށް ޚަރަދުތަކެއްވެސް ކޮށްގެން ނެވެ.

0 Responses to “ ”

Posting Komentar