Rabu, 17 Oktober 2007

ދިވެހިންގެ ތެރެއިން ބަޔަކު ދީނީގޮތުން ބައިބައި ވީ ކީއްވެ

Jazeera އަހުމަދު މުހުސިން އޮކްޓޫބަރ 15، 16:27 0 ޚިޔާލު

ދިވެހިންނަކީ, މާތްވެގެންވާ އިސްލާމް ދީން ޤަބޫލުކުރީންސުރެ އެދީން މަތީގައި ދެމިތިބި ބައެކެވެ. އެހެން އެއްވެސް ދީނެއް ދިވެހިންގެ ތެރެއަކަށް އޭގަފަހަކުން އައިހެއް ނުވެއެވެ. ދީނަށްޓަކައި ކޮންމެ ދިވެއްސަކުވެސް ލޯބި ކުރެއެވެ. ދީނަށް ފުރައްސާރަކޮށް ހަދާ މީހުންނަށް ދިވެހިފަސްގަނޑުން ޖާގަ ނުދިނުމުގެ އިތުރުން ދީނީ އިލްމުވެރިންނަށް އިހްތިރާމްކޮށް ކަމޭހިތައެވެ. އެއީ ވެރިއެއްވިއަސް އަދި އާދައިގެ މީހަކަށްވެސް އެމީހަކާމެދު ދިވެހިން ކޮށް އުޅޭ ހުކުމެވެ.

ނަމަވެސް ފަހަކަށް އައިސް އިވެމުންދާ އަޑަކީ ދީނީގޮތުން ބަޔަކު ބައިބައިވެއްޖެ ކަމުގެ ވާހަކައެވެ. ތަފާތުގޮތްތަކަށް އުޅެމުންދާ ވާހަކައެވެ. ދީނީގޮތުން އޮންނަ ވަރަށް ވުރެވެސް ”މައްޗަށް“ ނުވަތަ ”އޯވަރ“ ވެއްޖެ ވާހަކަ އެވެ. ދީނީގޮތުން ހަރުކަށިގޮތްތަކެއް ގެންގުޅެނީއޭ ނުވަތަ ހައްދުފަހަނަޅާ ދިޔައީވެސް ބައެއް މީހުން ބުނެއުޅެ އެވެ.

ދީނީގޮތުން އެފަދަ ހާލަތަކަށް ހިނގައްޖެނަމަ އެއީ މައްސަލައެކެވެ. އެކަމެއް ހައްލުކުރަން ޖެހެ އެވެ. ކަމެއް ހައްލުކުރުމަށް ބަލާއިރު އެންމެ ފަސޭހަގޮތެއް ކަމުގައި އޮންނަނީ އެކަމެއް އެހެންވާން މެދުވެރި ސަބަބެއް ހޯދުމެވެ. އެހެން ކަމަށް ވާނަމަ ބައެއް މީހުންނަށް އެ ”ލަޤަބުތައް“ މިހާރު ލިބެން އެޖެހުނީ ކީއްވެތޯ ބަލަން ޖެހެ އެވެ.

”ދީނީ ހޭލުންތެރިކަން އަށަގެންނެވިފައި ނެތީ“ ރާއްޖޭގެ ދީނީ އިލްމުވެރިއަކު ބުންޏެވެ.

އެއީ ތެދެއް ކަމުގެ ހެކިތައް އެބަހުއްޓެވެ. އެއްކަމަކީ ރާއްޖޭގެ ތައުލީމީ އޮނިގަނޑު ތެރޭގައި ދަރިވަރުންނަށް ދީނީ ތައުލީމް ދެވޭލެއް ކުޑަކަމެވެ. ނޫންނަމަ އެއްވެސް ވަރަކަށް ދެވިފައި ނެތުމެވެ. އަމުދުން އޯލެވެލް ނިމި އޭލެވެލް ހަދައިގެން ނިކުންނަ ބައެއް ކުދިންނަކީ އަމިއްލައަށް ހިނާ ތޯހިރުވެލާ ނަމާދުގައި ކިޔާތަކެތި ފުރިހަމައަށް ކިޔާލަން އެނގޭ ކުދިންނަށް ނުވާކަމެވެ. މިކަމުގައި ޓީޗަރުންނަށް ކުރެވޭނެ ކަމެއް އޮތްހެނެއް ހިއެއް ނުވެއެވެ. އެވެރިންނަކަށް އެއްޗެއް އޮންނަގޮތް ބުނެދެވޭކަށް ނޯވެއެވެ. ”ސަރކިއުލާ“ އަށްވުރެ މައްޗަށްގޮސް ފަހަނަޅާ ފާނެތީއެވެ. އެއަށްވުރެ ބޮޑަށް ބުނެދިން ޓީޗަރުން ފަދައިން ގޭގައި މަޑުކޮށްލަން ޖެހިދާނެތީ އެވެ.

ދީނީ އިލްމުވެރިއެއް ކަމުގައިވާ ޑރ އަބުދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ ވަކިގޮތްތަކެއް ޤަބޫލުކޮށް ހަރުކަށިގޮތްތަކެއް ގެންގުޅޭ މީހުންނާއި ވަކި ޖަމާއަތް ހަދައިގެން އެފަދަ ގޮތްގޮތަށް އުޅެމުން ގެންދާ ގެންދިއުމަކީ ރާއްޖޭގައި ދީނީ ތައުލީމް ހާޞިލް ކުރުމަށާއި ދީނީ މައުލޫމާތު ހޯދުމަށް ހުރި ދަތިތަކެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަންތައްތަކެއް ކަމަށެވެ.

ޑރ މަޖީދު ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ދީނީ ތައުލީމް އެންމެ ފުރިހަމައަށް ކިޔަވާނުދޭ ކަމަށާއި ޓީޗަރުންނަށްވެސް އެފަދަ މައުލޫމާތުތައް ދަރިވަރުންނަށް އުނގަންނައިދެވޭން ނޯންނަ ކަމަށެވެ.

”ދީނީ ތައުލީމް ހާޞިލް ކުރުން ރާއްޖޭގައި ވަރަށް ހަނިކޮށް އޮންނަނީ. ދީނީ މައުލޫމާތު ހޯދުން ވަރަށް ދަތި“ ޑރ މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދު ވިދާޅުވީ ބައިބައިވެގެން ދަނީ ދނީ މައުލޫމާތު ހޯދެން ނެތުމުން އިންޓަރނެޓުންނާއި ބައެއް އިނގިރޭސި ފޮތްތައް ބަލައިގެން އޭގައި ހުންނަ އެއްޗެހިތައް ދަސްކޮށް އެގޮތަށް އުޅެން ފެށުމުން ކަމަށެވެ. ”އިންޓަރނެޓުންނާ އެފަދަ ގޮތްގޮތުން ދެން މައުލޫމާތު ހޯދަނީ. އެގޮތަށް ހޯދާއިރު އެއިން ބައެއް ގިނަ ފަހަރަށް ލިބިފައި އޮންނަނީ. މިސާލަކަށް އާޔަތެއްގެ މާނަ އޮތްގޮތަށް އެނގިގެން އަދި ނުފުދޭނެ. އޭގެ ހާލަތާއި ބާވާލެއްވި ގޮތާއި އެކަމާ ގުޅޭ ހާދިސާ އެނގެން ޖެހޭނެ. އެހެންނޫނީ އެކަމެއް އޮޅުމެއް ނުފިލާނެ“ ޑރ.މަޖީދު ވިދާޅުވިއެވެ.

ޑރ މަޖީދަށް ޖުމްލަ ގޮތެއްގައި ގިނަ ޢިލްމުވެރިން ތާއީދު ކުރައްވައެވެ.

އައްޝައިޚް ޢަބްދުﷲ ބުނު މުހައްމަދު އިބްާހީމް ވިދާޅުވީ ދީނީ ތައުލީމަކީ ބައެއް މީހުންގެ ފިތުރަތުގައި ލައްވާފައިވާ ކަމެއް ކަމަށާއި އެއީ އެމީހާ ހޯދަން ބޭނުން ވާނެ ކާނާއެއް ކަމަށެވެ.

”އެއީ ކާނާއެއް. އެކާނާ އެމީހަކު ކޮންމެހެންވެސް ހޯދާނެ. އެހޯދާފައި ނޫނީ ހުއްޓައެއް ނުލާނެ“ ޢަބްދުﷲ ވިދާޅުވި އެވެ.

ޝައިޚް ޢަބްދުﷲ ވިދާޅުވީ ދީނީ ތައުލީމް ހޯދަން އެދޭ މީހަކަށް އެކަން ބަންދުކޮށްލައިފިއްޔާ އެކަން ބަދަލު ވެގެން ދާނީ ރަނގަޅަކަށް ވުރެ ގޯސް ގޮތަކަށް ކަމަށާއި ނިކުމެގެން ދާނީ އެހެން އެއްޗެއް ކަމަށެވެ. އޭގެ ބަދަލުގައި ޖެހޭނީ ދީނުގައި އޮންނަ ރަނގަޅުގޮތް ހޯދޭނެ ފުރުސަތު ދިނުން ކަމަށް ޝެއިޚް ޢަބްދުﷲ ވިދާޅުވި އެވެ.

”އެއީ އަސްލު ދިމާވި މައްސަލައަކީ. ދީން ކިޔަވަން ބޭނުންވާ މީހުންނަށް އެފުރުސަތު ނުދިނީ. ހަނިކޮށްލީ. ދީން ކިޔެވޭނެ މަގުތަކާއި ދީނަށް އުޅޭ މީހުންނަށް ހުރަސްއެޅީ. އޭރު އިންޓަރނެޓެއްވެސް އެހާ އާއްމެއް ނޫން.“ ޢަބްދުﷲ ވިދާޅުވިއެވެ.

ޢަބްދުﷲ ވިދާޅުވީ ދީނަށް އުޅޭ މީހުން ނުވަތަ ތުނބުޅިލީ މީހުން ތަފާތުކޮށް, ބާކީކޮށްލުމުން އެމީހުންގެ ތެރެއިން އެހެން ކަންތައްތަކެއް ކްރިއޭޓްވެގެން އައި ކަމަށާއި އެއީ އެމީހުން މާޔޫސް ވުމުންނާއި ރަނގަޅު ދީނީ އިލްމުވެރިން ނުފެނުމުން ދިމާވެދާނެ ކަމެއް ކަމަށެވެ.

”އިލްމުވެރިން ފެންނަން ނުފެށުމުން އެމީހުން ގައިޑް ކުރާނެ ބަޔަކު ނެތް. ދެން ދީން ނުވެސް ދަންނަ, އެއިލްމު ލިބިފައި ނުވާ މީހުން ބުނާކޮންމެ އެއްޗެއްވެސް ޤަބޫލުކުރެވެން ފެށީ. އިލްމުވެރިން ލީޑް ކުރުވާ އެމީހުން ލައްވާ ރަނގަޅަށް އެކަން ކުރުވި ނަމަ މިހާލަތަކަށް ނުވެއްޓުނީސް“ ޝައިޚް ވިދާޅުވިއެވެ.

ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ތައުލީމީ މަރުހަލާގައިވެސް ދީން އޮންނަނީ ނަމެއްގައި ކަމަށެވެ. މުޤައްރިރުވެސް ރަނގަޅު ނޫން ކަމަށާއި ދީނީބައި ފުދޭވަރާ ގާތަށްވެސް ހިމެނިފައި ނުވާ ކަމަށެވެ.

”ފުރަތަމަ ކަމަކަށް ނަގާ ޓީޗަރުން. ގްރޭޑް 11 އަދި 12 ގަވެސް ނޫޅޭނެ ދީނީ އިލްމުވެރިންނެއް އިސްލާމް ކިޔަވައިދޭކަށް. ދެން ކިހިނެތް އެމައްދާ ފުރަތަމަ ކިޔަވައިދޭނީ.“ ޝެއިޚް ޢަބްދުﷲ ވިދާޅުވިއެވެ.

އައްޝައިޚް މުހައްމަދު ނަޝީދުވެސް ވިދާޅުވީ ދީނީ ހޭލުންތެރިކަން މުޖްތަމައުގައި އަށަގެންނެވިފައި ނެތް ކަމަށެވެ.

”އެއީ ހަމައެކަނި ސަރުކާރުގެ އިހުމާލެއް ނޫން. ދީނީ ތަޤްރީރުތަކުގެ ގޮތުގައި ނުދިނަސް ނަސޭހަތުގެ ގޮތުގައި މައިންބަފައިންނަށް އަދި ދީނީ އިލްމު ލިބިފައި ތިބި މީހުންނަށް ދީނުގެ ކަންކަން ބުނެދެވިދާނެ“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުންވެސް ކޮށްދޭން ޖެހޭ ކަންތައްތައްވެސް އޮތީ ކޮށް ނުދީ ކަމަށެވެ.

”ދީނީ އިލްމުވެރިން އުފެއްދިފައެއް ނެތް. މީގެ 20 އަހަރު ކުރިން ރާއްޖެއަށް ބޭނުންވާ ދީނީ އިލްމުވެރިން ތައްޔާރު ކުރެވުނު ނަމަ ރަނގަޅުވީސް. މިހާރުވެސް ހިޔެއް ނުވޭ ކުރިއަށް އޮތްތަނަށްވެސް އެފަދަ ކަމެއް ކުރައްވާހެނެއް“ ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ދީނީ ތައުލީމް ދެވޭ މިންވަރާމެދު ޝެއިޚް ނަޝީދުވެސް ފާޑު ވިދާޅުވިއެވެ.

”އިސްލާމް ކިޔާ މާއްދާއަކުން ނުފުދޭނެ ދީނުގެ ބައެއް ބައިތައް އޭގައި ހިމެނިޔަސް. ދީނުގެ ވަކިބައިތަކެއް މުޤައްރަރުގައި ކަނޑައަޅައިގެން އެކަމަށް ޚާއްޞަ މީހުން ލައްވާ ކިޔަވައިދޭން ވާނެ. މިސާލަކަށް ފިޤުހު, ޙަދީޘް, ޢަޤީދާފަދަ ބައިތައް. މިއިން ކޮންމެ ބަޔަކީވެސް ވަރަށް ބޮޑު ބައެއް. އެހެން ކަމުން ރާއްޖޭގައި ދެވޭ ދީނީ ތައުލީމް ފުރިހަމައެއް ނުވޭ“ ޝެއިޚް ނަޝީދު ވިދާޅުވިއެވެ.

ކޮންމެއަކަސް އިލްމުވެރިން ވިދާޅުވަނީ ބަޔަކު ހައްދުފަހަނަޅާ ދިޔަނަމަ ދިއުމަކީ ގޯސްކަމެއް ކަމަށާއި އެމީހުން އެހާލަތަށް ދިޔަނަމަ ދިޔައީ ދީން ބުނެނުދެވި އޮތުމުންނާއި ދީނީ ހޭލުންތެރިކަން އަށަގެންނެވިފައި ނެތީމާ ކަމަށެވެ.

0 Responses to “ދިވެހިންގެ ތެރެއިން ބަޔަކު ދީނީގޮތުން ބައިބައި ވީ ކީއްވެ”

Posting Komentar