Sabtu, 13 Oktober 2007

ވިލިވަރާއި ބިޔާދޫ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނ

ާ

ހުސައިން ރަޝީދު ހަވީރު، 16:33 0 ޚިޔާލު

ކ. ވިލިވަރާއި ބިޔާދޫ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރ ޑރ މަހްމޫދު ޝައުގީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ކަމަށް އެ މަޖިލީހުގެ މެމްބަރަކު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫހުގައި ނަން ޖަހަން ބޭނުންނުވާ މަޖިލީހުގެ ނުފޫޒު ގަދަ މެމްބަރަކު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ އެ ދެ ރަށުގެ މައްސަލައިގައި ހައި ކޯޓުން ކޮށްފައިވާ ހުކުމް ނިޔާކުރާގޮތުގެ މަތިން އެ ރަށަށް ޔޮޓް ޓްއާޒްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ ދެ ބިޑް ދިވެހި ސަރުކާރުން އިވެލުއޭޓްކޮށްފައިނުވާތީ އާއި އަދި އެ ދެ ރަށުގެ ހައްގު އޮތީ ކޮން ފަރާތަކަންކަން ބެލުމެއް ނެތި ދެ ފަރާތަކާއެކު ކޮށްފައިވާ ލީސް އެގްރިމެންޓު ދަމަހައްޓާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އެންގި އެންގުމަކީ ދިވެހި ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ފާޅުގައި ގޮން ޖަހައި, އެ މުއައްސަސާގެ ބާރު ކަނޑުވާލި ކަނޑުވާލުމަކަށްވާތީ ކަމަށެވެ.

ދެ ރަށުގެ ތެރެއިން ވިލިވަރާއެކު ލީސް އެގްރިމެންޓް ހަދާފައިވަނީ ޕޮލިސް ކޮމިޝަނަރުގެ އަނިބިކަނބަލުންނާ އެއްބަޑު އެއްބަފާ ބޭފުޅެއް ކަމަށްވާ މ. އަތަމާގެ އިބްރާހީމް އަބުދުއް ލަތީފު (އަތާމާ އިބްރާހީމްދީ) އާ އެވެ. ފިޝަރީޒް މިނިސްޓަރ ހުސައިން ހިލްމީ ހިއްސާވާ ސަންލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ލީސް އެގްރިމެންޓް ހަދާފައިވަނީ ބިޔާދޫ ކުއްޔަށް ދިނުމާ ބެހޭ ގޮތުންނެވެ.

އެ ދެރަށަށް ޔޮޓް ޓްއާސް އިން ހުށަހަޅާފައިވާ ދެ ބީލަމަކީ ސައްހަ އެއްޗެއް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ހުކުމް ކުރިތާ އެއް އަހަރުވެގެން ދިޔަ އިރު ވެސް އެ ކުންފުންޏަށް ލިބެން ޖެހޭ ބަދަލެއްގެ މައްސަލަ ސަރުކާރަށް ވަނީ ނުނިންމި އެވެ.

ޑރ. ޝައުގީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ލިއުމުގައި މިހާރު ވަނީ 10 މެމްބަރުން ސޮއި ކުރައްވާފަ އެވެ. ސޮއިކުރައްވާފައިވާ މެމްބަރުންނަކީ ގއ. މެމްބަރު އަބުދުﷲ ޖާބިރާއި އެ އަތޮޅު އަނެއް މެމްބަރު މުހައްމަދު ސަލީމާއި މާލެ އަތޮޅު މެމްބަރު އިސްމާއީލް އަބުދުލް ހަމީދާއި ނ. އަތޮޅު މެމްބަރު އަބުދުﷲ ޔާމީނާއި މ. އަތޮޅު މެމްބަރު އަހުމަދު ނާޒިމާއި މާލޭ މެމްބަރު މުހައްމަދު ޝިހާބާއި ހއ. އަތޮޅު މެމްބަރު ޖައުފަރު އީސާ އަދަމާއި ވ. އަތޮޅު މެމްބަރު އިސްމާއީލް ޝިހާބާއި ރ. އަތޮޅު މެމްބަރު އަލީވަހީދާއި ތ. އަތޮޅު މެމްބަރު މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ ތ. އަތޮޅު މެމްބަރު ޝަރީފު (ސެންކޯ ޝަރީފު)ގެ ނަމުގަ އެވެ.

އިތުބާރުނެތް މައްސަލަ މަޖިލީހަށްލުމާ ބެހޭ ގޮތުން ޑރ. ޝައުގީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރައްވާ ކަމަށާއި އެ ބޭފުޅުންގެ މަސައްކަތްތަކާ ބެހޭ ގޮތުން އަދި އިތުރުބާރު ނެތްކަމަށް ވިދާޅުވެ ހުށަހަޅާ މައްސަލައަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.

އެ ދެރަށުގެ މައްސަލައާ ބެހޭ ގޮތުން ޑރ. ޝައުގީ ވިދާޅުވީ ހައި ކޯޓުގެ ހުކުމުގައި ވަކިގޮތަކަށް އަމަލުކުރުމަށް ލާޒިމްކޮށްފައިނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ އަވަހަށް ނިންމުމަށް ސަރުކާރުގައި ދެންނެވި ކަމަށެވެ.

އިބްރާހީމްދީދީ އާއި ސަންލޭންޑާއެކު އެގްރިމެންޓްކުރިއަށްގެން ދިޔައީ ކެބިނެޓް ނިންމުމަކާއެއްގޮތަށް ކަމަށާއި އެގްރިމެންޓަކީ ސައްހަ އެއްޗެއް ނޫންކަމަށް ވެސް ކޯޓުން ނިންމާފައިނުވާކަމަށް ޑރ. ޝައުގީ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔޮޓް ޓްއާސްގެ ދެ ބިޑާއެކު ހަތަރު ބީލަން އަލުން އިވެލުއޭޓްކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީގެ ހިއްސާއެއްނެތި ކުރަމުންގެންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއީ މި އަހަރުތެރޭގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާ ދެ ވަނަ ފަހަރެވެ. މިދިޔަ އޯގަސްޓް މަހުގެ ވަނީ ކުރިން ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާފަ އެވެ. އެ މައްސަލައާ މެދުބަހުސްކުރުމަށް އެޖެންޑާކޮށްފައިވާ ތާރީހުގެ ދެ ދުވަސްކުރިން ޑރ. ޝަހީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ ގެ އަށް ވަޑައިގެންފަ އެވެ.

މިދިޔަ އަހަރުވަނީ އޭރުގެ ހޯމް މިނިސްޓަރު އަދި މިހާރުގެ އެޓޯލްސް މިނިސްޓަރ އަހުމަދު ތަސްމީނު އަލީގެ އިތުބާރު ނެތުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. އިތުބާރު ނެތްތޯބެލުމަށް ނެގި ވޯޓުވަނީ ނާކާމިޔާބުވެފަ އެވެ. ތަސްމީނު ކާމިޔާބުކުރައްވާފަ އެވެ. ތަސްމީނަކީ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމު އަދާކުރައްވާ ބޮޑު ވިޔަފާރިވެރި އެކެވެ.

0 Responses to “ވިލިވަރާއި ބިޔާދޫ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނ”

Posting Komentar