Minggu, 21 Oktober 2007

ބޮމުގެ ހާދިސާގައި ފިލައިގެން އުޅޭ އަބްދުއްލަތީފް ގަމުގައި އުޅޭކަމަށް އެރަށު ބައެއްމީހުން ބުނަންފަށައިފި


image ސެމްޓެންބަރ 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ޕޮލިހުންނަށް ފިލައިގެންއުޅޭ އަލީ ޝަމީމު، ށ، ކޮމަންޑޫ ދޫރެސް އާއި، ހައްދުންމަތީ ކަޅައިދޫ ގްރީންވިލާ އަބުދުއްލަތީފް އިބުރާހިމްގެ ތެރޭން ޢަބްދުއްލަތީފް ފިލައިގެން ލ. އަތޮޅު ގަމުގައި އުޅޭކަމަށް އެ ރަށުގެ ބައެއް މީހުން ބުނަމުންއެބަދެއެވެ. އިރު އޮބްޒާވަރަށް މަޢުލޫމާތު ދެމުން ނަންހާމަކުރަންބޭނުންނުވާ ގަމުގެ މީހަކު ބުނިގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ގަމު ތުޑީގެ ބޯޅަދަނޑުކައިރީގައި ސުނާމީއަށްފަހު ހެދި ގެތައް ހިމެނޭ ސަރަހައްދުގެ ވަލުތެރެއަށް މީހަކު ވަންނަތަން ފެނިގެން މި މީހާ ހޯދުމަށް ޕޮލިހުން ކުރިމަސައްކަތުން އެމީހާ ނުފެނިފައިވާކަމަށެވެ. މަންޒަރުދުއްމީހަކު ބުނި ގޮތުގައި އެމީހާ ވަލަށް ވަނީ ކޮންމެ ވެސް އެއްޗެއް ހިފައިގެން ކަމަށެވެ. ލަފާކުރެވޭ ގޮތުގައި އެމީހާ ވަލަށް ވަނީ މީހަކަށް ކާއެއްޗެހި ދޭންވެގެން ކަމަށްވެސް އިރު އޮބްޒާވަރަށް މަޢުލޫމާތު ދެމުން އޭނާ ބުންޏެވެ. "އަބްދުއް ލަތީފް، އެ ސަރަހައްދުގައި އުޅޭކަމަށް މިރަށު ވަރަށް ގިނަމީހުންބުނޭ، ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް އޭނާ ފެނިފައެއް ނުވޭ، ކިހިނެއް ފެނުނަސް އެނގޭނީ، މީހުންބުނޭ އޭނާ އުޅެނީ މޫނުބުރުގާ އެޅިމީހުންގެ ތެރޭގައޭ އެގޮތައްހެދުން އަޅައިގެންނޭ. އޭނާ އެ ސަރަހައްދުގައި އުޅޭކަމަށް މިރަށުމީހުންގެ އިތުރުން މިރަށުގައި އުޅޭ ޕޮލިހުން ވެސް ބުނޭ" ނަން ހާމަކުރަން ބޭނުންނުވާ މީހާ ކިޔައިދިނެވެ. އެސަރަހައްދުގައި މުޅިންހެން އުޅޭނީ މޫނުބުރުގާ އަޅައިގެން ނިވައިވެގެން ތިބޭ މީހުންނާއި އެމީހުންގެ ފިރިންނާއި ދަރިން، އަދި އެނޫން މީސްމީހުން އެސަރަހައްދަށް ވަރަށް ނުދާ ކަމަށް އޭނާ ބުންޏެވެ. މި ކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރެއްވިގޮތުގައި ސަލްޓަން ޕާކްގެ ހާދިސާއާއި ގުޅިގެން ހޯދަން ބޭނުންވެ ނުފެނިފައިވާ ދެމީހުންނާއި މިކަމާއި ބެހޭ އިތުރު މީހެއްވޭތޯ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތްކުރިއަށްދަނީ ވަކިސަރަހައްދެއްގަޔޭ އަދި ހާމަކުރަން ދަތިކަމަށްވެސް ޕޮލިހުން ވިދާޅުވިއެވެ.

0 Responses to “ބޮމުގެ ހާދިސާގައި ފިލައިގެން އުޅޭ އަބްދުއްލަތީފް ގަމުގައި އުޅޭކަމަށް އެރަށު ބައެއްމީހުން ބުނަންފަށައިފި”

Posting Komentar