Minggu, 07 Oktober 2007

ކުށެއްގެ ތުހުމަތުގައި އާއިލާއާއި ވަކިވިފުރަތަމަ ފަހަރ

ު



ލިޔުނީ އިބްރާހީމް މުހައްމަދު
އާދީއްތަ, 07 އޮކުޓޫބަރު 2007

29 ސެޕްޓެމްބަރުވީ ހޮނިހިރުދުވަހު ލ.ކަޅައިދޫ އިބްރާހީމް އިސްމާއީލް 27، އާދައިގެ މަތިން އާމްދަނީ ހޯދުމަށް ލ. މާވަށުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. މައިންބަފައިންނާއި 6 މަހުގެ އަންހެން ދަރިފުޅު އަދި އަންހެނުން ލ.މާވަށް ނޫރާ އިސްމާއީލް 20، ގެ ދިރިއުޅުން ބިނާ ކޮށްފައިވަނީ މި މަސައްކަތުން ލިބޭ އާމްދަނީގެ މައްޗަށެވެ.

އެދުވަހު 02:36 ގައި މުޅި ރާއްޖެ ސިއްސުވާލި ބޮމުގެ ހަމަލާ ސަލްޓަންޕާކުގައި ދިނެވެ. މާލަސްތަކެއްނުވެ މި ޚަބަރު އަތޮޅުތަކުގެ ތެރޭގަވެސް ފެތުރިއްޖެއެވެ. އިސްމާއީލްގެ ކަންފަތަށް މި ޚަބަރު ވާސިލްވާންފެށީ ރޭޑިޔޯ އަދި ޓީވީން މިހާދިސާގެ މައުލޫމާތު ފޮނުވަމުން ދިޔުމުންނެވެ.

“އަޅުގަނޑަށް މައުލޫމާތު ލިބުނީ މި ހަމަލާގެ ސަބަބުން ފަތުރުވެރިންގެ ތެރެއިން ބަޔަކަށް ވަރަށް ބޮޑަށް އަނިޔާވިކަމަށް” އިސްމާއީލް ބުންނެވެ.

މިހާދިސާގެ މައުލޫމާތު ލިބުމުން އިސްމާއީލާއި މިހާދިސާއާއި ކިހާވަރެއްގެ ގުޅުމެއް ވާކަން އޭނާގެ ހިތަށް ކުޑަކޮށްވެސް އިހުސާސެއް ނުކުރެވެއެވެ.

“އަޅުގަނޑަށް ޚަބަރު ލިބުނު ގޮތުގައި މި އަމަލު ހިންގާފައިވަނީ މޯބައިލް ފޯނެއްގެ ޒަރިއްޔާއިންނޭ” އިސްމާއީލް ބުންޏެވެ. “އެހެންނަމަވެސް މާބޮޑަކަށް މިކަމަކަށް ނުވިސްނަން”

އިޝާނަމާދުން ފައިބެގެން ނިމިގެން އިސްމާއީލް ދިޔައީ ކައްކާ ހިއްކި މަސްކޮޅު އެތުރުމުގެ މަސައްކަތް ކުރަމުންނެވެ. އެވަގުތު ލ.މާވަށް ހިމޭންވެފައިވީނަމަވެސް ހާދިސާ ހިނގި ވެރިރަށުގައި ކަންތައްތައް ދިޔައީ ވަރަށް ހަލަބިލިކޮށެވެ. މާލޭގެ ބޮޑުރަސްގެފާނުމަގު، ގ.ޝާރާޒުގައި ހަދާފައިވާ ރަންރިހީގެ އަތްކަން ކުރާ ތަން ފުލުހުން ބަންދުކޮށް ރިނބުދޫއަށް ނިސްބަތްވާ ދެމީހުންކަމަށްވާ އާމިރު އަބްދުﷲ އަދި މޫސާ ފަޒީލު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި މާލޭގެ ސަލަމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުންނާއި ސިފައިން ދިޔައީ ފޯރި މަރަމުންނެވެ. އަދި ފުލުހުންގެ ތަހުޤީޤު ވަރަސް ބާރަށް ދިޔައީ ކުރިއަށެވެ.

އިސްމާއީލް މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ލިބުނީ އަދަޔާ ހިލާފް ފޯނުކޯލެކެވެ.

“ރަށުގެ ދޮން އަލީ ކިޔާ މީހަކު ގުޅި ކޮންނަމެއްތޯ ކިޔަނީ ބަލަން. އެމީހާ ނަން އޮޅުން ފިލުވާފައި ފޯނު ކަނޑާލީ” އިސްމާއީލް ބުންނެވެ.

މި ކޯލަށްފަހު ހޮނިހިރު ދުވަހުގެ ރޭ 09:30 އެހާކަށްހާއިރު ރަށުގެ ހާރޫން ކިޔާމީހަކު އޭނާ ގޭގައި އުޅޭތޯ ބެލުމުން އިސްމާއީލަށް ލިބުނު ހައިރާންކަން އިތުރުވިއެވެ.

“ހާރޫން ކައިރިން ކިހިނެއްވީތޯ އަޅުގަނޑު އޮޅުން ފިލުވުމުން ބުނީ މީހަކު ގުޅާފައި ގޭގައި އުޅޭތޯ ބެލުމަށް އެދުނީ ކަމަށް” އިސްމާއީލް ބުންޏެވެ. “ގުޅީ ކާކުތޯ ހާރޫން ކުރެ ސުވާލުކުރުމުން ބުނީ ގުޅި މީހަކު ނޭންގެޔޯ”

އެރޭ އިސްމާއީލްގެ އަންހެނުން ނޫރާއާއި އެކު ނިދަން އޮށޯތީ 10:00 ޖަހާކަށް ހާއިރެވެ. އަދި ހޭލެވުނީ ދަންވަރު 01:30 އެހާކަށްހާއިރު ނޫރާ ގޮވުމުންނެވެ. އިސްމާއީލް ކޮޓަރިން ބޭރަށް ނިކުތްއިރު 6 އެއްކަ ފުލުހުން ތިބީ އޭނާގެ އިންތިޒާރުގައެވެ. އަދި މަސައްލައެއްގެ ތަހުޤީޤަށް ސުވާލުކުރަން ބޭނުންވެޔޭ ބުންޏެވެ. އަވަސްއަރުވާލާފައި ބައެއް އަންނައުނުކޮޅު ދަބަހަކަށް އަޅާފައި އާއިލާގެ އެއްވެސް މީހެއްގެ މޫނަށް ބަލާނުލާ އިސްމާއީލް ފުލުހުންނާއިއެކު ދިޔައީ ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނަށެވެ. އާއިލާއާ ވަކިވެގެން ދަނީ ކިތައްދުވަހަށް ކަމަށް ވިސްނާވެސް ނުލައެވެ.

ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާންނެގުމުގެ ތެރޭގައި އޭނާ ހައްޔަރު ކުރެވުނު ސަބަބު އޮޅުން ފިލިއެވެ. މިމައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންގެ ތެރެއިން ތަހުޤީޤުގައި އަމަލު ހިންގި ކަމަށް އެއްބަސްވެފައިވާ ތިން މީހުންގެ ތެރެއިން ލ.ކަޅައިދޫ ފިނިހިޔާގެ އުމުރުން 21 އަހަރުގެ މޫސާ އިނާސް ބޮން ގޮއްވުމަށް ބޭނުންކުރީ އިބްރާހީމް އިސްމާއީލްގެ ނަމުގައި ނަގާފައިވާ ދިރާގު ސިމުގެ އެހީގައެވެ. ހޮނިހިރުދުވަހު އިސްމާއީލް ޓީވީން ބަލަމުންދިޔައިރު ޓީވީން ދައްކަމުންދިޔަ ނޮކިޔާ ފޯނުތެރޭގައި އޮތީ އޭނާގެ ނަމުގައި ނަގާފައިވާ ސިމެއްކަން ކުރިއަކުން އޭނާއަކަށް ނޭންގެއެވެ. ތަހުޤީޤުގައި އިއުތިރާފްވި އަނެއް ދެމީހުންނަކީ ގއ.ކަނޑުހުޅުދޫ ސާދުނާ މަންޒިލް އުމުރުން 20 އަހަރުގެ އަޙުމަދު ނަޞީރާއި ވ.ލަންދޫއާގެ އުމުރުން 19 އަހަރުގެ މުޙަންމަދު ޞަބާހެވެ

އިސްމާއީލްގެ އަންހެނުން ނޫރާއަކީ ތަހުޤީޤުގައި އެއްބަސްވި އިނާސްގެ އަންހެނުން ލ.މާވަށް ހައްވާ ރިޒްމީނާ 20، އާއި އާއިލީ ގޮތުން ތިމާގެ ދެކުދިންނެވެ. އަދި އިސްމާއީލާއި އިނާސްއަކީ ތިމާގެކަމާއި ރަހުމަތްތެރިކަމުގެ ގުޅުން ނެތްނަމަވެސް އެއްރަށެއްގެ ދެމީހުންނެވެ. އިނާސާއި އޭނާގެ އަންހެނުން ދިރިއުޅެމުންދަނީ ލ.ގަމުގައި އަލަށް އާބާދުކުރާ ސަރަހައްދުގައެވެ. ބޮން ގޮއްވުމުގައި ބޭނުންކުރި ސިމް އިސްމާއީލް ގަނެފައިވަނީ ގިނައަދަދެއްގެ ސިމް ހެޔޮއަގުގައި ދިރާގުން މިއަހަރު ކުރީކޮޅު ވިއްކަމުންދިޔުމާ ގުޅިގެންނެވެ. އެފަހަރު އޭނާ ގަތީ ހައެއްކަ ސިމް 100 ރުފިޔާގެ މަގުންނެވެ. އަދި މި ސިމް އިނާސް އަތަށް ލިބިފައިވަނީ އިނާސްގެ އަންހެނުން ރިޒްމީނާގެ އަތުންނެވެ. އަދި އިނާސްގެ އަންހުން ރިޒްމީނާއަށް މި ސިމް ލިބުނީ އިސްމާއީލްގެ އަންހެނުން ނޫރާގެ އަތުންނެވެ.

“މި ސިމް އަޅުގަނޑުގެ އަންހެނުން އިނާސްގެ އަންހެނުންނަށް ދިނީ އެދެމަފިރިން ކައިވެނި ކުރުމުގެ ކުރިން” އިސްމާއީލް ބުންޏެވެ.

ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ބަޔާން ދިނުމަށްފަހުވެސް އިސްމާއީލްގެ ހިތުގައި އޭނާގެ އެއްވެސް ކުށެއްނެތްކަން އިހުސާސުކުރެވެމުން ދިޔައެވެ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި ހާރުކައި އިސްމާއީލް ނިދަން އޮށޯތީ އާއިލާއާއި މެދު ހިޔާލުކުރެވެމުންނެވެ.

އާދީއްތަ ދުވަހު އިސްމާއީލްގެ ދަތުރުފެށުނީ ފޮނަދޫއިން ވެހިކަލެއްގައި ކައްދޫއަށް އަދި ކައްދޫ ވައިގެ ބަނދަރުން ހުޅުލޭ ވައިގެ ބަނދަރަށެވެ. އަދި ހުޅުލޭ ވައިގެ ބަނދަރުން ދޫނިދޫއަށް ގެންދެވުނެވެ. އެދުވަހު އިސްމާއީލްގެ ތަހުޤީޤުގައި ސިމްއާ ބެހޭގޮތުން ފުލުހުން ސުވާލުކުރިއެވެ. ޖެހިގެން އައިދުވަހު، މިމަހު 1 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭއްވި ނޫސް ކޮންފަރެންސްގައި ހާދިސާއާއި ގުޅުން ހުރިކަމަށް ބެލެވޭ 11 މީހުން ހައްޔަރު ކުރިކަމަށް ބުނެ، އަތޮޅު ތެރެއިން 1 ކަކު ހައްޔަރު ކުރެވުނު ކަމަށް ހާމަ ކޮށްފައިވެއެވެ. އެމީހަކީ ކަޅައިދޫ އިސްމާއީލުގެ ވާހަކައެވެ.

5 ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު ބުރާސްފަތި ދުވަހުގެރޭ ދަންވަރު އިސްމާއީލް ވަނީ މިނިވަން ކޮށްފައެވެ. ތަހުޤީޤަށް ބަންދުކުރެވިފައިވީ ނަމަވެސް މި ހާދިސާގައި ބަންދުކުރެވުނު އިތުރު މީހަކާ ބައްދަލުނުވާކަމަށް އިސްމާއީލް ބުންޏެވެ. ދުވަހަކުވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފައިނުވާ އިސްމާއީލް އުންމީދުކުރަނީ އާއިލާއާއި މަހުގެ ވިޔަފާއިޔާ މަދު ދުވަސްކޮޅެއްގައި ބައްދަލުކުރުމަށެވެ.

0 Responses to “ކުށެއްގެ ތުހުމަތުގައި އާއިލާއާއި ވަކިވިފުރަތަމަ ފަހަރ”

Posting Komentar