Kamis, 01 November 2007

ހައްދުފަހަނައެޅުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އަކީ ކޮބާ؟


އިސްމާއީލް ރަޝީދު އޮކްޓޫބަރ 24، 16:01 0 ޚިޔާލު

ދީނީގޮތުން ހައްދުފަހަނަ އަޅާދިއުމުގެ ކަންތައްތައް ރާއްޖޭގައިވެސް ހައްދުން ނައްޓާފައިވާ ކަމަށް ވާހަކަ ދައްކާ މީހުންގެ އަޑު މި ދުވަސްވަރުވަނީ ގަދަވެފަ އެވެ. އެ މީހުންގެ އަޑު ގަދަވެފައިވާ އިރު ހައްދުފަހަނަ އަޅައިގޮސްގެން އުޅޭ މީހުންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ އެކަން ހުއްޓުވުމަށް ހިންގާ އަދި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ހާސިލުވާނީ ކޮން ކަމެއް ބާއެވެ؟ ދީނީގޮތުން ހައްދުފަހަނަ އަޅައިގޮސްފައި ވާ މީހުންގެ ކަންތައްތައް ބޮޑުވެފައިވާ ކަމަށް ބުނެ ސަރުކާރުން މިހާރު ދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.

އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނަށް ހުރަސް އަޅާފައިވަނީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ގާނޫނީ ތައުލީމް ހާސިލުކޮށް ދޭ މަރުކަޒުގައި ހައްދުފަހަނައަޅައިދިއުމަށް މަގުފަހިވާ ކަންތައްތައް ހިނގަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. ހައްދުފަހަނައަޅައި ގޮސްފައިވާ ބަޔަކު ރާއްޖޭގައި އުޅޭކަމުގެ އަޑު ގަދަވެފައިވާ އިރު އެ ވާހަކަތައް ގިނައިން ދައްކަނީ ސަރުކާރުންނެވެ. ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ވަކިކުރުމަށް ސަރުކާރުން ބަލާ މިންގަނޑަކީ ކޮބައިކަން އަދި ވެސް ނޭނގެ އެވެ. ދީނީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިވާ ބަޔަކު އުޅޭ ކަމަށް ވާހަކަ ދައްކާ ނަމަ ހައްދުފަހަނައަޅައިދިއުމަކީ ކޮބައިކަން ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ސާފުކޮށްދޭން ޖެހޭނެ އެވެ.

މިހާތަނަށް ހައްދުފަހަނައަޅައި ގޮސްފައިވާ ބަޔަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ އިނގިލި ދިންކުރަނީ ތުނބުޅި ދިގުކޮށް ފައިކުރި ވަކި ވަރަކަށް ބުރިކޮށްފައި ހުންނަ މީހުންނާއި ދިމާލަށާއި މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނާ ދިމާލަށް ކަމަށް ފާހަގަކުރެވެ އެވެ. އަދި ނަމާދުކުރުމުގައި ވަކި އުސޫލުތަކެއް ގެންގުޅޭ މީހުންނާ ދިމާލަށް ވެސް ހައްދުފަހަނައަޅައިގޮސްފައިވާ ކަމަށް ބުނެ ހަދަ އެވެ. ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުން ވެސް އެލިސްޓުގައި ހިމަނަ އެވެ. އެ ފަދަ ތަފާތު ކަންތައްތައް ކުރާ މީހުންގެ ނަން އެ ލިސްޓުގައި ހިމަނަ އެވެ.

ހައްދުފަހަނައަޅާދިއުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކާކުކަން ނޭނގޭގޮތަށް ހެދުން އެޅުން މަނާކުރަން ރައީސް އެންގެވި އެންގެގުމަށް ގިނަ އަދަދެއްގެ ދީނީ އިލުމުވެރިން ވަނީ ދެކޮޅު ހަދައި ދީނީގޮތުން މޫނުބުރުގާއެޅުން މަނާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

”އެކަނބުލޭގެ މޫނު ނިވާކުރުމަށް ބޭނުންވަނީ ނަމަ, އެކަން މަނާކުރެވޭނެ އެއްވެސް ގޮތެއް ދީނުގައި ނޯންނާނެ. ފިތުނަ ވެރިކަން އުފެދޭ ތަންތާނގައި މޫނު ނިވާކުރުމަށް ވަނީ އަންގަވާފައި,“ މަދީނާއިން ދީނީ ތައުލީމް ހާސިލުކުރައްވާފައިވާ މަޝްހޫރު ދީނީ އިލުމުވެރިޔާ އައްޝައިހު އާދަމް ނަސީމް )ބީއޭ ނަސީމް(ވިދާޅުވި އެވެ.

މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ތައުލީމް ހާސިލުކުރައްވާފައިވާ ހަސަން މޫސާ ފިކުރީ ވިދާޅުވީ މޫނުބުރުގާ އެޅުމާ ބެހޭ ގޮތުން ބައެއް އިލުމުވެރިން ވަނީ އެކަމަކީ ވާޖިބެއް ކަމަށް ދެކޭ ކަމަށާއި އަނެއް ބައި އިލުމުވެރިން ގަދަވެގެންވާ ސުންނަތެއް ކަމަށް ދެކޭ ދީނީ މައްސަލައެއް ކަމަށާއި މި ކަމަށް ސަރުކާރުން ވަކިގޮތަކަށް ނިންމެވުމަކީ ދީނަށް ގޮއްޖެހުން ކަމަށް ވިދާޅުވެފަ އެވެ.

މޫނު ބުރާ އެޅުން މަނާކުރެވޭނެ އެއްވެސް ގޮތެއް ދީނީ ގޮތުން ނެތް ކަމަށް ދީނީ އުލުމުވެރިން ފަތުވާ ދޭއިރު އެކަން މަނާކުރުމަށް އަޅާ ފިޔަވަޅުތަކުން ނުކުންނާނެ ނަތީޖާއާ މެދު ކަން ބޮޑުވާން ޖެހެ އެވެ.

ކޮން ބައެއްކަން ނޭނގޭގޮތަށް ހެދުން އެޅުން މަނާކުރުމުން ގައުމުގައި ޓެރަރިސްޓް ހަމަލާތައް އިތުރުވެ ހަމަނުޖެހުން ބޮޑުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މިހާރު ވެސް އަދާލަތު ޕާޓީން ވަނީ ދީފަ އެވެ. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ވަނީ މޫނު ބުރާ އެޅުން މަނާކުރާ އަމުރަކަށް ތަބާ ނުވުމަށް ގޮވާލައިފަ އެވެ.

އަދާލަތުން އެ އިންޒާރުދީފައިވަނީ މޫނުބުރާ އެޅުން މަނާކުރުމަށް ރައީސް އޮފީހުން ކަމާ ބެހޭ އިދާރާއަށް އެންގުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު އަބުދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވީ މޫނު ބުރުގާ އަޅާ މީހުންނާ ތުނބުޅި ދިގުކުރާ މީހުންނަކީ ހަރުކަށި އުސޫލުތަކުގެ މީހުން ކަމަށް ބޭރާއި ރާއްޖޭގައިވެސް ލޭބަލްކުރެވޭ ކަމަށާއި ރާއްޖޭގެ މީޑިޔާއިންނާ ސަރުކާރުން ވެސް އެ މަފްހޫމް ރައްޔިތުންނަށް ވިސްނައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

”މީހާގެ ބޭރުފުށުން އެ މީހާގެ މަލަމަތި ހުންނަ ގޮތެއް ނޫން ހަރުކަށި ކަމަކީ. އެއީ އެ މީހާ ގަބޫލުކުރާ ގަބޫލްކުރުން, އެ މީހާގެ އިއުތިގާދު. ހަރުކަށިކަން ނައްތާލާކަށް ނުޖެހޭނެ މޫނުބުރުގާ އެޅުމާ ތުނބުޅި ދިގުކުރުން މަނާކުރާކަށް. ހައްދަކީ އިން. ދީނުގެ ހުކުމަކަށް އުޅުމަކީ އެއީ ހައްދުފަހަނައެޅިއްޔޭ ނުބުނެވޭނެ,“ ގުރުއާން ތަފްސީރު އިލުމުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ މަޖީދު ވިދާޅުވި އެވެ.

އިލްމުވެރިންގެ ވާހަކަތައް ހުރި ގޮތަށް ބަލާއިރު އެންމެ ކަންބޮޑުވާން ޖެހެނީ ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުން އެންމެ ބޭނުންގެވެން އުޅޭ ނަތީޖާ ނުކުމެދާނެތީ އެވެ. އަގީދާއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ނުފޫޒާއި ބާރު ބޭނުންކޮށް އަދަބުތަކެއްދީގެން ހައްލުނުވާކަން ދުނިޔެއިން ދަނީ ފެންނަމުންނެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ފިޔަވަޅުއެޅުމަކީ މުހިންމުކަމެއް ނަމަވެސް ކަންބޮޑުވާން ޖެހޭނީ އެ ފިޔަވަޅުތަކުން ބޭނުންވެގެން އުޅޭ ނަތީޖާ ނުނެރެވިދާނެތީ އެވެ.

0 Responses to “ހައްދުފަހަނައެޅުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އަކީ ކޮބާ؟”

Posting Komentar