Rabu, 17 Oktober 2007

ލޯ ފެކަލްޓީގައި ދީނީ ގޮތުން ހައްދުފަހަނައެޅުމަށް މަގުފަހިވާ ކަންތައްތަކެއް ހިނގަމުންދާކަމެއް އެގިފައެއްނެތް: ޑީން

Jazeera މުހައްމަދު ރަފީއު އިއްޔެ، 17:12 0 ޚިޔާލު

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގައި ދީނީގޮތުން ހައްދުފަހަނައެޅުމަށް މަގު ފަހިވާކަންތައްތަކެއް ހިނގަމުންދާކަން އެގިވަޑައިނުގަންނަވާ ކަމުގައި އެ ފެކަލްޓީގެ ޑީން ވިދާޅުވެއްޖެ އެވެ.

ޖަޒީރާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި އެ ފެކަލްޓީގެ ޑީން ފައްޔާޒު އަލީ މަނިކު ވިދާޅުވީ ދީނީގޮތުން ހައްދުފަހަނައެޅުމަށް މަގު ފަހިވާކަންތައްތައް ހިނގަމުންދާކަން ބަޔާންކޮށް, އެކަންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ރަސްމީކޮށް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން އަންގާފައިވާ ކަމަށެވެ.

” އަޅުގަނޑަކަށް އެނގިގެން އެ ބުނާފަދަ އަމަލުތަލުތަކެއް ހިނގަމުންނެއް ނުދޭ. ނޭނގި އެފަދަ އަމަލެއް ހިނގާ ކަމަށް ވާނަމަ އެކަންތައް އެބަޖެހޭ ބަލަން“ އޭނާ ވިދާޅުވި އެވެ. ފައްޔާޒު ވިދާޅުވީ އެކަމާބެހޭ ގޮތުން ރަސްމީގޮތެއްގައި އެއްޗެއް ބުނެވޭނީ އެ ފެކަލްޓީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށްފަހު ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައި, ދީނީގޮތުން ހައްދުފަހަނައެޅުމަށް މަގު ފަހިވާކަންތައްތައް ޝަރީއާ އެންޑް ލޯ ގައި ހިނގަމުންދާކަމަށް ބުނެފައި ވާތީ, އެކަމުގެ ސަބަބުން އެ ފެކަލްޓީއާ މެދު މީހުން ދެކޭގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

” މިކަމުގެ ސަބަބުން މިތަނުގައި (ފެކަލްޓީގައި) މަސައްކަތްކުރާ މުވައްޒަފުންނާއި ކުދިންނަށް ކުއްލި ހައިރާންކަމެއް މި ލިބުނީ. އެންމެންނަށް ވެސް ހަގީގަތް އެނގެން އެބަޖެހޭ. އެހެންވެ އެކަންތައްތައް ބަލައި ކިހާވަރެއްގެ ހަގީގަތެއް އޭގައި އެކުލެވޭތޯ ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. ހަގީގަތެއް އޮތް ކަމަކަށް ވާނަމަ އެކަންތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނަން“ އޭނާ ވިދާޅުވި އެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ގިނަ ކުދިންނަކީ މައުހަދު ނިންމާފައި އެ ފެކަލްޓީއަށް ވަންނަ ކުދިންނެވެ. މީގެ ތެރެއިން ބައެއް އަންހެން ކުދިން ކަޅުހެދުން ލައިގެން އެ ފެކަލްޓީއަށް ދާއިރު, ބައެއް ފިރިހެން ކުދިން ތުބުޅި ބަހައްޓަ އެވެ.

” އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ ހައްދުފަހަނައަޅާފައިވާ ކަންތައްތައްތަކޭ އެބުނަނީ ކޮންކަންތައްތަކަކަށް އިޝާރާތްކޮށް ކަމެއް. އެފަދަ އިލްޒާމެއް އެޅުވުމުން ދެރަވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ހިތުގައި އުފެދެނީ ސުވާލުތަކެއް“ ޝައިރީއާ އެންޑް ލޯ ގައި ކިޔަވަމުންދާ ދަރިވަރަކު ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.

” ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުންވެސް އެފަދަ އިލްޒާމެއް އަޅުވާއިރު, ހައްދުފަހަނައަޅާ ކަންތައްތަކަކީ ކޮބާކަންވެސް އަންގަންޖެހޭނެހެން ހީވަނީ. ކަޅުހެދުންލުމާއި ބުރުގާ އެޅުމަކީ ހައްދުފަހަނައެޅުން ކަމަށް ވަންޏާ ސާފުބަހުން އެކަންވެސް ބުނަންޖެހޭނެ“

އެ ފެކަލްޓީގެ ލެކްޗަރާއަކު ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ކަންތައްތަކޭ ބުނުމުން ހައިރާންވެއްޖެ ކަމަށާއި އެފަދަ ކަންތައްތަކެއް ހިނގާކަމެއް އެނގިފައި ނުވާ ކަމަށެވެ.

” އެ ވާހަކަ އަޑުއިވުމުން ކުއްލި ހައިރާންކަމެއް ލިބުނީ. އެފަދަ ކަންތައްތަކެއް އެތަނުގައި ހިނގާކަމެއް އެނގިފައެއް ނެތް“ ލެކްޗަރަރަކު ޖަޒީރާއަށް ކިޔައިދިނެވެ.

0 Responses to “ލޯ ފެކަލްޓީގައި ދީނީ ގޮތުން ހައްދުފަހަނައެޅުމަށް މަގުފަހިވާ ކަންތައްތަކެއް ހިނގަމުންދާކަމެއް އެގިފައެއްނެތް: ޑީން”

Posting Komentar