Jumat, 19 Oktober 2007

މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދޭނީ ކޮންބައެއް؟


އިއްޔެ، 16:24 0 ޚިޔާލު

މުހައްމަދު އީމަން

ގައުމެއްގެ އިޤްތިޞާދުގައި މަސައްކަތްތެރީންނަކީ އެންމެ މުހިއްމު އެއް ހިއްސާ އަދާކުރާ ބައެވެ. އިޤްތިސާދީ ގިނަ މަސައްކަތްތަކަކީ ލޭބަރުން ނުވަތަ މަސައްކަތްތެރީންނާއި ނުލައި ނުކުރެވޭނެ މަސައްކަތްތަކެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ، މަސައްކަތްތެރީންނަށް ލިބެންޖެހޭ ހައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި ލިބެމުންދޭބާވައެވެ؟ ނުވަތަ ލޭބަރ ރައިޓްސް މަސައްކަތްތެރީންނަށް ލިބިދީފައިވަނީ ކިހާ މިންވަރަކަށްބާވައެވެ؟

“ އަހަރެން ހެނދުނު ފިހާރައަށް ދާގޮތަށް ގެއަށް އާދެވެނީ ހަވީރު. ވަޒީފާގެ ގޮތުން ރޭގަނޑުވެސް ޑިއުޓީއަށް ނިކުންނަންޖެހޭ. ހުކުރު ހޮނިހިރެއް އެހެން ދުވަހެއްނޯވޭ.” މަޖީދީ މަގުގައި ހުންނަ ފޭރާންވިއްކާ ފިހާރައެއްގައި މަސައްކަތްކުރާ އަންހެން ކުއްޖަކު ކިޔައިދިނެވެ.

މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މަސައްކަތްތެރީންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑުއެއް މައްސަލައެވެ. މަސައްކަތްކުރާ މީހުންނަށް އެކަށީގެންނުވާވަރުގެ ގިނަވަގުތު މަސައްކަތްކުރުމަށް “މަޖުބޫރު” ވުމެވެ. ނުވަތަ މަސައްކަތްކުރާނެ ވަގުތުގެ ވަކި މިންވަރެއް ކަނޑައެޅިފައިނެތުމެވެ. އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދުވާލަކު 12 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރާއިރު، ވިސްނާލަންޖެހޭ ކަމަކީ މަސައްކަތުގެ ލޯޑުބޮޑުވުމުގެ ސަބަބުން ވަޒީފާ އަދާކުރުމުގެ ރޫހު ކުޑަވަމުންދާކަމެވެ.

ވަޒީފާގެ ބާޒާރުގައި ދިމާވެފައިވާ އަނެއް މައްސަލައަކީ، ކުރާ މަސައްކަތާއި އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނުލިބުމެވެ. “ ދުވާލަކު 12 ގަޑިއިރު މަސައްކަތްކުރާއިރުވެސް މިލިބެނީ 2000 ރުފިޔާ. އެއީ ދުވާލަކަށް 65 ރުފިޔާ. ކުރާ މަސައްކަތާއި އަޅާބަލާއިރު އެއީ ކޯއްޗެއް؟” މަޖީދި މަގުގެ ފޭރާން ވިއްކާ ފިހާރައިގައި މަސައްކަތްކުރާ އަންހެންކުއްޖާ ސުވާލުކުރިއެވެ.

އެކުއްޖާ އިތުރަށް ކިޔައިދިން ގޮތުގައި، ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމުގެ ސަބަބުން އެހެން މައްސަލަ އެއްވެސް ކުރިމަތިވެއެވެ. އެއީ ކަސްޓަމަރުންނާއި މުއާމަލާތުކުރުމުގައި ފަރުވާކުޑަވެ، އޭގެ ސަބަބުން ތަނުގެ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރުކުރުމެވެ. “ ދުވާލު ހަތަރުދަމު އެހާ ބުރަކޮށް މަސައްކަތްކުރާއިރު ކަސްޓަމަރުން ހިތްހަމަ ޖައްސައިދެވޭނެ ހިތްވަރެއް ނުހުރޭ.” އެކުއްޖާ އިތުރަށް ކިޔައިދިނެވެ.

މުވައްޒަފުން ލައްވާ ގިނަވަގުތު މަސައްކަތްކުރުވުން އޮތީ ހަމައެކއނި ޕްރައިވެޓް ސެކްޓަރ ކަމުގައި ދެންނެވޭނެ ޖާގައެއް ނެތެވެ. ސަރުކާރުގެ ބައެއް އިދާރާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މިމައްސަލަ ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން “ ލޭބަރ އެކްސްޕްލޮއިޓޭޝަން” މިވަނީ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިވެފައެވެ.

“ ހެނދުނު އޮފީހަށްދާގޮތަށް ގެއަށްއާދެވޭއިރު ހުންނަނީ އިރުއޮއްސެން ކައިރިވެފަ. އެވަރުނުވެގެން ރޭގަނޑުވެސް ދާންޖެހޭ. ސަރުކާރު އޮފީހެއްގައި ދަންވަރު އެކެއްޖަހަންދެން މަސައްކަތްކުރުވައޭ ބުންޏަސް ގަބޫލުވެސް ނުކުރެވޭނެ ކަންނޭނގެ. އެކަމަކު މިއީ ހަމަ ހަޤީޤަތް. “ ސަރުކާރުގެ އެންމެ މަތީ އެއް އިދާރާގެ އޮފީހުގައި މަސައްކަތްކުރާ އަންހެންކުއްޖަކު ނަން ހާމަކުރުމަށް ނޭދި ޖަޒީރާއަށް ކިޔައިދިނެވެ.

އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވިގޮތުގައި، ވަޒީފާގެ ބާޒާރުގައި މިފަދަ މައްސަލަތައް ފެންމަތިވުމުގެ އެންމެ ބޮޑުއެއްސަބަބަކީ ލޭބަރ ގާނޫނެއް ހަރުދަނާ ގޮތެއްގައި އެކުލަވާނުލެވި ދިގުލަމުންދިޔުމުގެ ނަތީޖާއެވެ.

ލޭބަރ ގާނޫނެއްގެ ދަށުން މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދެވޭނެ ގޮތްތައް އެބަހުއްޓެވެ. ލޭބަރުން ލައްވާ ހަފްތާއަކު ނުވަތަ މަހަކު ގިނަވެގެން މަސައްކަތް ކުރުވޭނީ ކިތައް ގަޑިއިރުތޯ ކަނޑައެޅުމަކީ މީގެ ދަށުން ކުރެވިދާނެ ކަމެކެވެ. މިސާލަކަށް އިނގިރޭސިވިލާތުގެ ލޭބަރ ގާނޫނު ބުނާގޮތުންނަމަ ލޭބަރުންލައްވާ ހަފްތާއަކު ގިނަވެގެން މަސައްކަތްކުރެވޭނީ 48 ގަޑިއިރެވެ. ވަޒީފާ ދޭފަރާތްތަކުން ނުވަތަ އެމްޕްލޯޔަރުން ލޭބަރުންގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާތީ ކުރިއަރާފައިވާ ގައުމުތަކުންވަނީ މިފަދަ ހަރުދަނާ ގާނޫނުތަކެއް އެކުލަވާލާފައެވެ.

މަސައްކަތްތެރީންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި “މިނިމަމް ވޭޖް” ނުވަތަ އެންމެ މަދުވެގެން ލޭބަރުންނަށް ދެވޭނެ އުޖޫރައެއްވެސް ކަނޑައެޅުމަކީވެސް މުހިއްމު ކަމެކެވެ. އިންފްލޭޝަންގެ ސަބަބުން ބައެއް ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދިޔަނަމަވެސް، ގިނަ މުވައްޒަފުންކުރާ މަސައްކަތާއި ލިބޭ އުޖޫރަ ނުބައްދަލެވެ.

ވިސްނާލަންޖެހޭ އަނެއްކަމަކީ، ލޭބަރުންނަކީ ގައުމެއްގެ އިގްތިސާދުގެ އެންމެ މުހިއްމު އެއް ތަނބުކަމެވެ. ގިނަ ލޭބަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނީ ލޭބަރ ގާނޫނެއް ްއެކުލަވާލުން އަވަސްކޮށް، އެއަށް ތަންފީޒު ކުރެވިގެންނެވެ.

0 Responses to “މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދޭނީ ކޮންބައެއް؟”

Posting Komentar