Selasa, 16 Oktober 2007

ވިލިވަރު ބިޔާދޫގެ ބިޑް އެންމެ ފުރަތަމަ އިވަލުއޭޓްކުރި ކޮމިޓީގެ މަކަރުވެރި ހީލަތްތެރި އަމަލުތައް ފަޅާއަރައިފި ... މިކާރުވާނުގައި ބައިވެރި މީހުންތައް ކ

ޚާއްސަ ކަރާޝިބު މުރާޖައާ


116 އޮކްޓޯބަރ 2007

ވިލިވަރާއި ބިޔާދޫއަށް ޔޮޓް ޓުއާސްއިން ހުށަހެޅި ދެބިޑް އިވެލުއޭޓް ކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރި ކޮމިޓީން ކުރި އިވެލުއޭޝަނުގައި އެދެރަށަށް ދެން ހުށަހެޅިފައިވާ ދެބިޑަށް ގޮންޖަހާލާފަދަ މަތީ މާކްސްތަކެއް ލިބުނު ދެބިޑެވެ. އެދެބިޑް ނޮން ރެސްޕޮންސިވްކަމަށް ކަނޑައެޅީ ބިޑްތައް އިވެލުއޭޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި އެދެބިޑްވެސް އެވަލުއޭޓްކުރުމަށް ފަހު އެބިޑަށް ލިބުނު މާކްސްތައް މަތިކަމުން އެދެބިޑް ކަޓުވާލެވޭނެ އެއްވެސް އެހެން ގޮތެއް ނެތިގެންނެވެ.

މިމައްސަލައަކީ ބިޑް އެވަލުއޭޓްކުރަން އައްޔަންކުރި ކޮމިޓީގެ މެދުގައި ޒުވާބުކުރުމާއި އަރައިރުންވުމާއި ދެބަސްވުން އެންމެ މައްޗަށް ދިޔަމައްސަލައެވެ. މި ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ؛

1. އަބްދުލްހަމީދު ޒަކަރިއްޔާ، ޗެއާމަން (ޓުއަރިޒަމް މިނިސްޓްރީގެ މިހާރުގެ ނާއިބް)
2. ކުވާއިބްރާހިމް ޝާފިއު (ޑީއާރްޕީގެ ރެޖިސްޓްރާ)
3. އާތިފާ ޝުކޫރު
4. އަމްޖަދު އަބްދުﷲ (ފޮރިން މިނިސްޓަރު ޝާހިދުގެ ޅިޔަނު)
5. އާމިނަތު އަލީ
6.ޝެހެނާޒް އަބްދުﷲ
7. އަބްދުﷲ ސައީދު

މީގެ ތެރެއިން ޔޮޓްޓުއާސްގެ ބިޑްތައް ކަޓުވާލަން އެންމެ ބޮޑަށް ހިފީ ޝާފިއުއާއި އާތިފާ ޝުކޫރާއި އަމްޖަދު އަބްދުﷲއެވެ. މިކަމާ ގުޅިގެން އާންމުކޮށް ފެންނައިރު ލޮނުމަޑު ގޮތަކަށް ހުންނަ އަބްދުލްހަމީދު ޒަކަރިއްޔާ ހަދާނެގޮތް ނޭނގިގެން ހުންއައެވެ. ޤާނޫނީ ގޮތުން އެއްވެސް ބިންގަލެއްނެތް އަދި ބިޑް ޑޮކިއުމަންޓްގައި ބުނާ އެއްޗަކާ މުޅިން ހިލާފަށް ޔޮޓް ޓުއާސްގެ ބިޑުތައް ކަޓުވާލަން ޝާހިދުގެ އެޖެންޓުން މަސައްކަތް ކުރަން ފެށުމުން އާމިނަތު އަލީ އާއި ޝެހެނާޒް އަބްދުﷲއާއި އަބްދުﷲ ސައީދު އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ.

އަބްދުﷲ ސައީދުއަކީ ކޮމިޓީގައި ހިމެނޭ ގާނޫނީ ދާއިރާގެ މެންބަރެވެ. އެހެންކަމުން އޭނާ އެކަން ވަރަށް ސާފުކޮށް އޭރުގެ އެޓާނީ ޖެނެރަލަށް ކިޔައިދިނުމުން ހަސަން ސައީދުގެ ނުލަފާ ލައިދީގެން އަބްދުﷲ ސައީދު ފަހުން ދީލައިލައިފިއެވެ. އަބްދުﷲ ސައީދު ދީލާލުމުން އާމިނަތު އަލީވެސް އެހިސާބުން ބަސްހުއްޓުނެވެ. ޝެހެނާޒް އަބްދުﷲގެ މައްސަލަ އޭނާ ރައީސް އޮފީހާ ހަމައަށްވެސް ގެންދިޔައެވެ. އޭގެފަހުން ބިޑްކުރި ފަރާތާ ބިޑްއިވެލުއޭޝަން ކޮމިޓީ ބައްދަލުކުރުމަށް ނަސަންދުރަ ހޮޓަލުގައި ބޭއްވި ޖަލްސާގައި ވެސް ބިޑްތައް އިވެލުއޭޓްކޮށް ނަތީޖާ އިވެލުއޭޓްކޮށްފައިވަނީ ކޮމިޓީގެ މެންބަރުންނަށް އެއްބަސްވެވުނު ގޮތަކަށް ނޫންކަމަށް ބިޑްކުރި ފަރާތްތަކުގެ ކުރިމަތީގައި ހާމަކުރައްވާފައެވެ.

ހުށަހެޅިކުލި

ކ. ވިލިވަރަށް ޔޮޓް ޓުއާސްއިން ހުށަހެޅި ބިޑްގެ ފުރަތަމަ 10 އަހަރަށް 18،126،000 އެމެރިކާ ޑޮލަރު ހުށަހަޅާފައިވެއެވެ. އެރަށަށް މއ. އަތަމާ އިބްރާހީމް އަބްދުއްލަތީފު ފުރަތަމަ 10 އަހަރަށް ހުށަހަޅާފައިވަނީ 11،000،000 އެންމެ އެމެރިކާ ޑޮލަރެވެ. ކ. ބިޔާދުއަށް ޔޮޓް ޓުއާސް އިން 29،000،000 މިލިއަން އެމެރިކާ ޑޮލަރ ހުށަހަޅާފައިވާއިރު ސަންލޭންޑުން ހުށަހަޅާފައިވަނީ އެންމެ 20،000،000 އެމެރިކާ ޑޮލަރެވެ. އެހެންކަމުން މިދެރަށަށް ހުށަހެޅުނު ކުލިން އެކަނިވެސް ޔޮޓް ޓްއަރސްގެ ބިޑަށް 10 މާރކްސް އަށްވުރެ ގިނަ މާކްސް ވަނީ ލިބިފައެވެ. މިކަން އެންމެނަށް ރަނގަޅަށް އެގެއެވެ.

ކޮންސެޕްޓް

ޔޮޓް ޓްއާރސް އިން ވިލިވަރާއި ބިޔާދޫ އަށް ހުށަހެޅި ބިޑްގެ ކޮންސެޕްޓަކީ މިހާތަނަށް ރާއްޖޭގައި ތައްޔާރު ކުރެވުނު ބިޑުތަކަށް ގޮންޖަހާލާވަރުގެ ފެންވަރު ރަނގަޅު ދެ ކޮންސެޕްޓެވެ. ވޯޓަރ ހަނީ މޫން ރެސިޑެންސާއި ބީޗް ރެސިޑެންސާއި ހެލްތް އެންޑް ބިއުޓީ ސްޕާއާއި ޕަބްލިކް އޭރިއާއަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޙައިރާންކުރުވާފަދަ ލާމަސީލު މިސާލު ތަކެކެވެ. މިތަންތަން ހުށަހަޅާފައި ވަނީ ވިލިވަރާއި ބިޔާދޫގެ ބީލަން ކާމިޔާބުކަމަށް އެކޮމިޓީއިން ނިންމި ދެބިޑާ ޚިލާފަށް ތްރީޑީގެ ބައިވަރު ފޮޓޯތައް ހިމެނޭ ޕްރެސެންޓޭޝަނެއްގެ ގޮތުގައެވެ. އެހެންކަމުން ކޮންސެޕްޓަށް ދިނުމަށް ކަނޑައެޅިފައި އޮތް 30 މާރކްސް ފުލްކޮށް ލިބޭފަދަ ބިޑަކަށް ހުށަހެޅިފައިިވަނީ ހަމައެކަނި ޔޮޓް ޓްއަރސް އިން ހުށަހެޅި ދެބިޑެވެ. ސަންލޭންޑާއި އަތަމާ އިބްރާހިމް ހުށަހެޅި ބިޑަށް ލިބެން އޮތީ ޔޮޓް ޓްއާރސް އަށް ލިބޭ މާރކްސް ގެ %65 އަށްވުރެ އެންމެ ތަންކޮޅެއްވެސް ބޮޑު ނުވާފަޑަ ދަށް މާރކްސް އެކެވެ.

ބިޒިނެސް ޕްލޭން

ޔޮޓް ޓުއާރސް އިން ހުށަހަޅާފައިވާ ބިޒިނަސ ޕްލޭނަކީ ދުނިޔޭގައިތިބި މިފަދަ ބިޒިނަސް ޕްލޭން ތައްޔާރު ކުރުމަށް އެންމެ ފުންނާބު އުސް އެކްސްޕާރޓުން ތައްޔާރު ކޮށްފައިވާ ބިޒިނަސް ޕްލޭންތަކެވެ. އެ ބިޒިނެސް ޕްލޭންތަކުގައިވާގޮތުން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ ތަރައްޤީވަމުން އައިގޮތާއި ކުރިއަށް އޮތް 10 އަހަރަށް ތަރައްޤީ ކުރުމަށް ބޭނުންވާ މާރކެޓް އެނެލިސިސް އާއި ކޮމްޕެޓިޝަން އެނެލިސިސްއާއި މާރކެޓިން އެނެލިސިސްއާއި މަރކެޓް ސެގްމެންޓްފަދަ ދާއިރާތަކަކީ ދުނިޔޭގެ ފެންވަރުގައި މީހަކަށް ޗުއްޕުވެސް ނުބުނެވޭ ފެންވަރަށް އެކުލަވާލާފައިވާ ކަމުންކަމެވެ. އެއާޚީލާފަށް އަތަމާ އިބްރާހިމްގެ ބިޒިނަސް ޕްލޭނަކީ ހަމަ ނަމަކަށް ހަދާފައިއޮތް އެއްޗެކެވެ. އަދި ސަންލޭންޑްގެ ބިޒިނަސް ޕްލޭނަކީ އެކުންފުނިން އޭގެ ކުރިން ބިޑްކޮށްގެން އިސްމާއިލް ފިރާޤާއި އިބްރާހިމް ހުސެން ޒަކީގެ ގޮހޮރަށް އެރިގެން ތިން ރެސޯޓް އެއްފަހަރާ ދަމައިގަތްފަހަރު ބިޑްކުރަން ހުށަހެޅި ބިޒިނަސް ޕްލޭނުގެ ކަޓް އެންޑް ޕޭސްޓް އެކެވެ. އެހެންކަމުން ބިޒިނަސް ޕްލޭން އިން އަތަމާ އިބްރާހީމާ ސަންލޭންޑަށް ލިބޭ މާރކްސް އަށްްވުރެ ޔޮޓް ޓްއާރސްގެ ބިޑްތަކަށް ކޮމިޓީގެ ގިނަ މެންބަރުން ދިން މާރކްސްތައް މާމައްޗެވެ.

ސްޓާފިންގ އެންޑް ހިއުމަން ރިސޯސް ޕްލޭން

ޔޮޓް ޓްއާރސް ގެ ބިޑްގައި ހިމަނާފައިވާ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްލޭނާއި މޭންޕަވަރ ޕްލޭނާއި ސްޓާފުންގެ އެކޮމޮޑޭޝަނާއި ސްޓާފުންގެ ރިކްރިއޭޝަން ފެސިލިޓީސްތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޙަޔާތުގައި މުވައްޒަފުންނާމެދު ކަންތައްތައް ކުރަމުން އަންނަގޮތަށް އެދެވޭ އިންޤްލާބެއް ގެނެވޭފަދަގޮތަކަށް އެކުލަވާލާފައި އޮތް ޕްލޭނެކެވެ. އެހެންނަމަވެސް އަތަމާއިބްރާހީމާއި ސަންލޭންޑުން ހުށަހެޅި ބިޑުގައި ހިމެނޭ ހިއުމަން ރެސޯސް ޕްލޭނަކީ އެދެފަރާތުން މިހާރުވެސް ހިންގާ ރެސޯރޓް ތަކުގައި އޮންނަ ލާއިންސާނީ ދަރަޖައިގާ އޮންނަގޮތަށް ކަންތައްތަށް އޮތް ޕްލޭނެކެވެ. އެހެންކަމުން ޔޮޓްޓުޓްްއާރސްގެ ބިޑުގައިވާ ހިއުމަން ރެސޯސް ޕްލޭނަށް ލިބުނު މާރކްސް މާ މައްޗެވެ.

އެންވައިރަންމެންޓަލް އެސްޕެކްޓް

އަތަމާއިބްރާހިމް ހުށަހެޅި އެންވަޔަރަންމަންޓަލް ރިޕޯޓަށް 10 ން 9.5 ދިނުމަށް އަމްޖޭގެ ބާރުގައި ބިޑްކޮމިޓީއިން ނިންމަން ޖެހުނެވެ. އެހެންނަމަވެސް އެ އެންވަޔަރަންމެންޓަަލް އެސްޕެކްޓް ތަންފީޒު ކުރަން ފެށުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭދާއިރާތަކުން އެކަން ތަޙްޤީޤްކޮށް 100،000،000 (ސަތޭކަ މިލިޔަން) ރުފިޔާއިން އޭނާ ޖުރިމަނާ ކުރަން ޖެހުނެވެ. ވިމާ އެ އެންވަޔަރަންމެންޓް ރިޕޯޓާމެދު އިތުރަށް ދަންނަވާނެ ވާހަކައެއް ނެތެވެ. ސަންލޭންޑުން ހުށަހެޅި ބިޑްގެ އެންވައިރަންމެންޓަލް އެސްޕެކްޓްގައި ބިޔާދޫގެ ފަރުތައް ތޮރުފައިގެން މޫދު ކޮޓަރި އަޅަން ކަނޑައަޅާފައިވާތީ އެކަމާމެދު ކޮމިޓީގެ ގިނަ މެންބަރުން ދެކޮޅު ހެދިއެވެ. ޔޮޓްޓްއާރސްގެ ބިޑްގައި މިފަދަ އެއްވެސް މައްސަލައެއް ނެތުމުން އެދެބިޑަށް ދޭންޖެހޭ މާރކްސް %120 އަށް އަރަންޖެހޭތީ ކޮމިޓީގެ އަޑުގަދަ މެންބަރުންނަށް ޔޮޓް ޓްއާރސްގެ ދެބިޑަށް މާރކްސް ދޭނެގޮތެއް ނޭގުނެވެ.

މިކަން މިގޮތަށް ދިމާވުމާއެކު ޔޮޓް ޓްއާރސްގެ ދެ ބިޑް ކަޓުވާލާނެ ސްޓްރެޓެޖީއެއް ރާވަން އެ މެންބަރުންނަށް ޖެހުނެވެ. އެހެންނަމަވެސް އެ ދެބިޑް ތައްޔާރު ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި އެކަމަށް ޚާއްޞަ މަރުކަޒެއް ހުޅުވައިގެންނެވެ. ބިޑް ތައްޔާރުކުރުމުގެ މަސައްކަތުގައި 25 އެކްސްޕާރޓުން ހިމެނުނެވެ. ކޮންމެ ދާއިރާއެއްގެ މަސައްކަތްކުރީ އެމަސަކަތަށް ޚާއްޞަ އެކްސްޕާރޓުންގެ ގްރޫޕަކާ އެ ގްރޫޕްގެ މަސައްކަތް އޮޑިޓް ކުރުމަށް ޚާއްޞަ އޮޑިޓް ކޮމިޓީއެއް އޮވެގެންނެވެ. ހުރިހާކަމެއް ރޭވިފައި އޮތީ ދުނިޔޭގައި އެކަން ކުރެވޭނެ އެންމެ މަތީ ފެންވަރުގައި ކުރުމަށެވެ. ޚޮންސެޕްޓްގެ އައިޑިޔާ ނެރުނީ ފަސް ޤައުމަކަށް ދަތުރުކޮށް އެ ގައުމުތަކުގައި ހުރި ރެސޯރޓްތައް ބެލުމަށްފަހުގައެވެ. ހުރިހާ މަސައްކަތެއް ސްޕަރވައިސްކުރީ ކުންފުނީގެ އެންމެ މަތީ މެނޭޖްމަންޓުންނެވެ. އެހެނކަމުން ބިޑް އެވަލުއޭޓްކުރާ ކޮމިޓީ އަށް ޔޮޓް ޓްއާރސްގެ ބިޑްތައް ބާތިލް ކޮށްގެން މެނުވީ އޭރު އެގްޒަކަޓިވް ސެކެރެޓަރީ ކަމުގައި ހުންނެވި ޢަބްދުﷲ ޝާހިދުގެ ޕާރޓޭ އަތަމާ އިބްރާހިމަށާއި އިސްމާއިލް ފިރާގުގެ ޕާރޓޭ ގްރޫޕުގެ އަދި އޭނާ އަޑިއަޑިން އޭރު ބައިވެރިވާ ސަންލޭންޑަށް ވިލިވަރާއި ބިޔާދޫ ކާމިޔާބު ވެއްޖެ ކަމަށް ނިންމޭނެ ގޮތެއް ނެތުމުން ކުވާ ޝާފިއު އާއި ޅިޔަން އަމްޖޭ އާއި އާތިފާ އަށް އެކަން ކުރަން ޖެހުނީ އެވެ. އަބްދުލް ޙަމީދުގެ ޒަކަރިއްޔާގެ މަޤާމުވެސް ކުއްލިއަކަށް ފޮރިން ސެކެއްޓަރީ ކަމަށް ބަދަލުވުމާއެކު އެނާއަށްވެސް އެކަން ޤަބޫލު ކުރަން ޖެހުނީއެވެ.

މިކާރުވާން ކަމިޔާބު ކުރަން މަސައްކަތްކުރި ސާބިރާއި މުސްތަފާ ލުތުފީއާއި އިސްމާއިލް ފިރާގާއި ހަސަން ސައީދާއި ޖަމީލުމެން މިހާރު ކޮބައިތޯއެވެ.

0 Responses to “ވިލިވަރު ބިޔާދޫގެ ބިޑް އެންމެ ފުރަތަމަ އިވަލުއޭޓްކުރި ކޮމިޓީގެ މަކަރުވެރި ހީލަތްތެރި އަމަލުތައް ފަޅާއަރައިފި ... މިކާރުވާނުގައި ބައިވެރި މީހުންތައް ކ”

Posting Komentar